އިދާރާގެ އިސްވެރިންގެ މަސްޢޫލިއްޔަތު/ލިބިދޭ ބާރު އަދި އިޚްތިޔާރުތައް
ރަށު ކައުންސިލްގެ ރައީސްގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޛުކުރުން؛
(ށ) ކައުންސިލްގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން؛
(ނ) ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭންގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން؛
(ރ) ކައުންސިލްގެ މަޝްވަރާގެ މަތިން އިދާރާގެ އޮނިގަނޑު އެކުލަވާލައި، ޑިވިޜަންތަކާއި ސެކްޝަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޛުކުރުން؛
(ބ) ކައުންސިލްގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން؛
(ޅ) ކައުންސިލްގެ ޙަރަކާތްތައް ހިނގަމުންދަނީ ކައުންސިލްގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛
(ކ) ކައުންސިލުން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޢާންމުކުރަންޖެހޭ ނިންމުންތައް ޢާންމުކުރެވޭކަން ކަށަވަރުކުރުން؛
(އ) ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން؛
(ވ) ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛
(މ) ކައުންސިލްގެ މާލީ ޒިންމާތަކާއި ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން؛
(ފ) ކައުންސިލްގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛ އަދި
(ދ) ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
ރަށު ކައުންސިލްގެ ނައިބުރައީސްގެ މަސްއޫލިއްޔަތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން ކައުންސިލްގެ ރައީސަށް އެހީތެރިވެދިނުން.
(ށ) ކައުންސިލްގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ ނައިބުރައީސެވެ. މީގެ އިތުރުން، ކައުންސިލްގެ ރައީސް ކައުންސިލްގެ ނައިބުރައީސާ ޙަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
(ނ) ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
ރަށު ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކައުންސިލްގެ މެންބަރު ނިސްބަތްވާ ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން؛
(ށ) ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުން؛
(ނ) ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި މަސައްކަތްކުރުން؛
(ރ) ކައުންސިލުން އެކުލަވާލަންޖެހޭ ޕްލޭންތަކާއި އަހަރީ މަސައްކަތު ތާވަލާއި އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލުމުގައި ޢަމަލީގޮތުން ބައިވެރިވުން؛ އަދި
(ބ) ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ގުޅިގެން ރަށު ކައުންސިލްގެ ރައީސް ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
(ހ) ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ.
(ށ) ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(1) ކައުންސިލްގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން؛
(2) ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓުކޮށް ޖަވާބުދާރީވުން؛
(3) ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުޞޫލުތައް ތަންފީޛުކުރުން؛
(4) ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތައް ކައުންސިލްގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުން؛
(5) ކައުންސިލްގެ މަސައްކަތްތަކާއި ޙަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށާއި ކައުންސިލަށް ލަފާދިނުން؛
(6) ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން؛
(7) ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ތަންފީޛުކުރުން؛
(8) ކައުންސިލްގެ މަސައްކަތްތައް ތަރައްޤީކޮށް ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތައްކޮށް، އޭގެ އަލީގައި ކައުންސިލްގެ ޚިދުމަތްތަކާއި މަސައްކަތްތައް ތަރައްޤީކުރުމަށް ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ލަފާދިނުން؛
(9) ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ ލަފާގެމަތިން، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން.